ފެނަކައިގެ ހިންގުން، ދޯދިޔާވެ، ބޮއްސުން ލާފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ ލ. އަތޮޅު ގަމުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެއިން ޑިސަލް ހުސްވެގެން އެރަށުން ކަރަންޓު ކެނޑުމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިންޖީނުގެއަކުން ޑިސަލް ހުސްވެގެން ރަށަކުން ކަރަންޓު ކެނޑުމަކީ މީގެކުރިން ރާއްޖޭގައި ހިނގާފައި އޮތް ކަމެއް ނޫން ކަމަށާއި، ފެނަކައިގެ ހިންގުން ދޯދިޔާވެ އެތަން ވަނީ ބޮއްސުން ލާފައި ކަމުގައެވެ.

އޭނާ ވިދާޅުވީ ފެނަކައިގެ ދަރަނި އަތް ނުފޯރާ ފަށަށް މަތިވެފައިވާއިރު، މިއީ ދައުލަތުގެ އެއްވެސް މުވައްސަސާއަކަށް ހައްލު ހޯދާ ދެވިފައިވާ މައްސަލައެއްވެސް ނޫންކަމުގައެވެ.

ފެނަކައިގެ ދަރަނި އިންތިހާއަށް މަތިވެފައިވާކަމަށް އަމުރު ވިދާޅުވެފައިވާއިރު، ފެނަކަ ކޯޕަރޭޝަނުން ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކަށް ދައްކާންޖެހޭ ފައިސާ އެކުންފުނިން ނުދައްކައިގެން ގިނަ ކުންފުނިތަކުން ދަނީ ޝަކުވާކުރަމުންނެވެ.