ބަހަމުންދާ ކާށި ޕެކޭޖްގައި ހިމެނޭ ކާށީގެ އަދަދު އިތުރުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by Asuru

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 97 ވަނަ ޖަލްސާގައެވެ. މި ޖަލްސާގައި ވަނީ ކުރިން ކޮންމެ ބޭފުޅަކަށް ދެއްވާ ޕެކޭޖްގައި ހިމެނޭ 5 ކާށި 10 ކާއްޓަށް ބަދަލުކުރައްވާފައެވެ.

މި ޖަލްސާގައި ނިންމާފައިވަނީ ކުރިން ކާށި ބެހުމަށް ނިންމާފައިވާ ގޮތައް ބަދަލު ގެނައުމަށްފަހު ކާށި ބެހުމަށެވެ. ކުރިން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ފުރަތަމަ 5 ދުވަހު ހަމައެކަނި ސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އެހެންނަމަވެސް މިއަދުގެ ޖަލްސާގައި ވަނީ 5000 ކާށި ފަގީރުންގެ ލިސްޓުގައި ތިއްބެވި ބޭފުޅުންނަށް ހާއްސަކުރެއްވުމަށްފަހު މާލޭގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ވެސް މި 5 ދުވަހުވެސް ކާށި ބެހުމަށެވެ.

ކާށި ބައްލަވައިގަތުމަށް ވަޑައިގަންނަވާއިރު ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަވަން ޖެހޭނެއެވެ.

ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ.