ބައެއް މީހުން ދެކޭގޮތުގައި، ބަރުދަން އިތުރުވެފައިވާ މީހަކާ ދިމާލަށް ”ހާދަ ފަލައޭ“ ބުނުން ނުވަތަ ”ފެޓް ޝޭމިން“ އަކީ އެމީހަކަށް ބަރުދަން ލުއި ކުރުމަށް ހިތްވަރު ލިބޭ ކަމެކެވެ.

Ads by Asuru

އެެހެންނަމަވެސް ހަގީގަތަކީ އެއާ ވަރަށް ދުރު އެއްޗެއް ކަމަށް ވަނީ އެނގިފައެވެ. ފަލަ ކަމަށް ބުނެ މަލާމާތް ކުރުމުގެ ސަބަބުން، ނަފްސާނީ ގޮތުން އަސަރުކޮށް، ކުރިއަށްވުރެެސް އިތުރަށް ކެވި،  ބަރުދަން ވަކިން ބޮޑަށްވެސް އިތުރު ވެގެން ދިޔުމަށް މަގުފަހިވެގެން ހިނގައިދާނެއެވެ.

ފެޓް ޝޭމިން އަކީ ކޮބާ؟

އެއީ މީހަކު ބަރުދަން އިތުރުވުމުން، އެމީހަކަށް، އެކަމާ ގުޅިގެން އެކި ބަސްތައް ރައްދު ކުރުމެވެ. ގިނަ ފަަހަރަށް މިކަން ކުރަނީ ހަށިގަނޑު ލޫޅާފަތިކޮށް ތިބޭ މީހުންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، ފަލަވާ ވާހަކަ އާންމުކޮށް މީސްމީޑިއާގައި ދެކެވުމުގެ ތެރެއިންވެސް، އެ ވާހަކަ ނިމެނީ، ބަރުދަން އިތުރު މީހުންނާ ދިމާލަށް ރައްދު ކުރެވިގެންދާ ނޭދެވޭ ބަސްތަކުންނެވެ. އަދި މިކަން އެންމެ ގިނައިން ކުރިމަތި ކުރުވަނީ އަންހެނުންނަށް ކަމަށްވެސް ދިރާސާއިން ދައްކައެވެ.

ފެޓް ޝޭމިންގެ ސަބަބުން ލިބޭ ނަފްސާނީ ގެއްލުމާއެކު، އިތުރު ސިއްހީ މައްސަލަތައްވެސް ކުރިމަތިވެއެވެ. އޭގެތެރޭގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުމާއި، ޑިޕްރެޝަން އަދި އީޓިން ޑިސްއޯޑަރ ފަދަ މައްސަލަތައް ހިމެނެއެވެ. ބައެއް ހާލަތްތަކުގައި، މިކަމުގެ ސަބަބުން އަމިއްލައަށް މަރުވުން ފަދަ ކަމެއްވެސް ހިނގާފާނެެއެވެ.

އެހެންކަމުން މީހެއްގެ ހަށިގަނޑު ހުންނަ ގޮތަކުން އެމީހަކާ ދިމާލަށް އެއްޗެއް ބުނުމުގެ ކުރިން ވިސްނާލުން މުހިންމެވެ. ފަލަ މީހަކު ހިކެން ހިތްވަރު ދިިނުުމުގެ ގޮތުން، އެމީހަކު ލަދު ގަންނާނެ ފަދަ ގޮތަކަށް އެވާހަކަ ނުދައްކާވެސް ވެދާނެއެވެ.