އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by Asuru

އަދުހަމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެ ދަޢުވާއަށް އިބްތިދާއީ މަރުޙަލާގައި އިންކާރު ކުރުމަށްފަހު ޝަރީޢަތުގެ މަރުޙަލާގައި އަދުހަމް ވަނީ ދަޢުވާއަށް އިޢުތިރާފްވެފައެވެ.

ނަމަވެސް އަދުހަމް ބުނެފައިވަނީ އެއީ ޤާސިމް މަރާލުމުގެ ޤަސްދުއޮވެގެން އެނިޔަތުގައި ކުރި ކަމެއް ނޫންކަމަށާއި، އެ ޢަމަލަކީ މަސްތުގެ ހާލުގައި ހުރުމުން ފޭރުމުގެ ތެރޭގައި އޭނާގެ އަތުންވީ ކަމެއް ކަމަށެވެ.

އަދުހަމްގެ މައްޗަށް މަރުުގެ މައްސަލަ ސާބިތުވުމުން މިއަދު ވަނީ ގާސިމްގެ ވާރިސުންގެ ބަސް ޝަރީޢަތަށް ހޯދާފައެވެ. ގާސިމް ނިޔާވިއިރު ދުނިޔޭގައި ތިބި ފަސް ދަރިން މިއަދުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެފައިވެއެވެ. އެއީ 4 ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ. ޤާސިމް ނިޔާވިއިރު އޭނާގެ އަންހެނުންނާއި މައިންބަފައިން ދުނިޔޭގައި ނެތެވެ.