ކޮވިޑު ޖެހިގެން އަހަރު ނުވާ ހަ ކުއްޖަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ރޭ ވިދާޅުވީ ކޮވިޑް ޖެހިގެން މި ވަގުތު އެނދުމަތިކޮށްގެން ފަރުވާދެމުންދާ އެއް އަހަރު ނުވާ ހަ ތުއްތު ކުއްޖަކު އެބަތިބި ކަަމަށެވެ.

އަދި މީގެ ތެރެއިން ‏ބައެއް ކުދިން ކޮވިޑް ހުމާއެކު ފިޓު ޖެހިގެން ފަރުވާދެމުންދާ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ، ގޭގައި ހާއްސަކޮށް އެއް އަހަރު ނުވާކުދިން ތިބިނަމަ، އެ ކުދިންގެ ރައްކަލަކަށް އެންމެން ވެސް ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެެވެ.

އެޗްޕީއޭއިން މިދިޔަ ހޯމަ ދުވަހު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން 148 މީހަކު ވަނީ އޭގެ ކުރީ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 100 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.