ޙަސަދައާއި ނަފްރަތަށް ޖާގަ ނުދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

Ads by Asuru

އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ރޯދައިގެ އަޅުކަމުން ޙާޞިލުވި އެންމެ ބޮޑު އުފަލަކީ ހިތްތައް ޠާހިރުވެ އަލުން ތާޒާވުން ކަމަށާއި ކުރިއަށް މިއޮތް ދުވަސްތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބުނު ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ.

”އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، ޙަސަދައާއި ނަފްރަތަށް އަޅުގަނޑުމެންގެ ހިތްތަކުން ޖާގަ ނުދިނުމެވެ. ކޮންމެ ޙާލަތެއްގައިވެސް، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ހިތްތައް ހުޅުވައިލަންވީ، އެކުވެރިކަމާއި އެއްބައިވަންތަކަމަށެވެ. އަޅުގަނޑުމެންގެ ހިތްތަކަށް އާރޯކަމާއި ތާޒާކަން ހޯދައިދޭންވީ، އަނެކުންނާ މެދު ބަހައްޓާ ގާތްކަމާއި ލޯތްބާއި ކުލުނާއި އޯގާތެރިކަމުންނެވެ.“ ރައީސް ވިދާޅުވިއެވެ.

ފިޠުރު ޢީދަކީ، މާތް ﷲ ދެއްވި، ގުނައި ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މޫސުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަލާނގެ ދިވެހިންނަށް ދެއްވި އެންމެ މަތިވެރި އެއް ނިޢުމަތަކީ، ދިވެހިންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަން ކަމަށެވެ.

އެގޮތުން ފިޠުރު ޢީދުގެ އުފާ ފާހަގަކުރުމާ ކުރިމަތިލާއިރުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެ މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުން ކަމަށް ރައީސް ވިދާޅުވި އެވެ.

ފިޠުރު ޢީދުގެ އުފާ ފާހަގަކުރާ އިރު، ހަނދާނަށް އެންމެ ފުރަތަމަ ގެންނަންޖެހޭ އެއް ބަޔަކީ، މުޖްތަމަޢުގައި ތިބި ފަޤީރުންނާއި ނިކަމެތިން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ޢީދުގެ އުފާ ފާހަގަކުރުން ކަނޑައެޅިފައި އޮތީ، އެއްވެސް މީހަކު ބާކީ ނުކޮށް، އަދި އެއްވެސް ތަފާތުކުރުމެއް ނުބާއްވައި، އެންމެން ބައިވެރިވާ އިޖްތިމާޢީ މުނާސަބަތެއްގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.