އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ގެކޮޅުގައި ދެމި ”އިންޑިއާ އައުޓް“ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލު ކުރުމުންވެސް، ބެނާތައް ހަވާލު ކުރަން ފުލުހުން ދެކޮޅު ހަދައިފިއެވެ.

Ads by Asuru

ހައިކޯޓުގެ އަމުރަށްފަހުގައި، އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ، ފުލުހުން ގެންދިޔަ ”އިންޑިއާ އައުޓް“ ބެނާތައް ބަލައި، ފުލުހުންގެ މައި މަރުކަޒަށް ވަޑައިގެންފައެވެ.

ނަމަވެސް ފުލުހުން ވަނީ، ބެނާތައް ނެގުމަށް ނެރުނު އަމުރު ބާތިލު ކުރިނަމަވެސް، އެތަކެތި ވަގުތުން ހަވާލު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

އަދި ބެނާ ހަވާލު ކުރުމުގެ ކަންކަން ނިންމާނީ ”ކަމާބެހޭ ޑިޕާޓްމަންޓުން“ ކަމަށްވެސް ވަނީ އަންގައިފައެވެ.

އަދި އެކަމާ ގުޅޭގޮތުން އަމަލު ކުރާނެ ގޮތަށް ޕީޕީއެމަށް އަންގާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވީ، ފުލުހުން އަތުލި ބެނާތައް ހަވާލު ނުކުރާތީ، އެތަކެތި ނައްތާލާފައިވާ ކަަމަށް ބެލެވޭ ކަމަށެވެ.

އަދި މިކަމުގައި ތިން ދުވަސް ތެރޭގައި ޖަވާބެއް އަރުވާނެ ކަަމަށް ފުލުހުން ބުނި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.