މި ސަރުކާރުން ލިޔުމާއި އެކު ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގޯއްޗާއި ފްލެޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާ ވައުދު ފުއްދަވާނެ ކަމަށެވެ.

މި ސަރުކާރުން 4،000 ސޯޝަލް ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާއިރު މިނިސްޓަރު އަސްލަމް ވިދާޅުވީ މި ދައުރުގެ ތެރޭގައި ބައެއް ފްލެޓުތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރު ވަނީ ގޯއްޗާއި ފްލެޓު ދެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ވަނީ ހުށަހަޅާފައެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދުނު މީހުން އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ރިޕޯޓް މެއިގެ ނިޔަލަށް ނުވަތަ ޖޫން މަހުގެ ކުރީކޮޅު ލިބޭނެ ކަމަށް މިނިސްޓަރު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.