ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ދައުލަތުން ދޭ އަނިޔާ އަށް ދިވެހި އެއްވެސް ރައްޔިތަކު މަޢާފު ނުކުރާނެ ކަމަށާއި، އެމަނިކުފާނަކީ ޝަރީޢަތަށް ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ނުފޫޒުން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ރައީީސް ޔާމީންގެ މައްސަލަ އަވަސް އަރުވައިލައި، ފުލުފުލުގައި ޝަރީއަތްތައް ބާއްވާ އެމަނިކުފާނުގެ ޤާނޫނީ އެތައް ޙައްޤެއް ނިގުޅައިގަނެފައިވާ ކަމަށެވެ.

ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ ފުއްގިރި މައްސަލާގައި ދައުލަތުން ހުށައަޅާފައިވާ ހެކީގެ މައްސަލަ ސުޕްރީމް ކޯޓުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވަނިކޮށް، އެ މައްސަލާގައި ސުޕުރީމްކޯޓުގެ ފައިސަލާއެއް ނެތި ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިއުމަކީ ޖިނާއީ އިޖުރާތު ޤާނޫނު އަދި ހެއްކާ ބެހޭ ޤާނޫނުން ރައީސް ޔާމީނަށް ލިބިގެންވާ ޙައްޤުތަކެއް ނިގުޅައިގަތުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ޤާނޫނުން ލިބިދޭ ރައްކާތެރިކަންް ހަމަހަމަ ކަމާއި އެކު ލިބުމަކީ ރައީސް ޔާމީނަށް ވެސް ކަށަވަރުކޮށްދޭން ޖެހޭ ހައްޤެއްކަމަށާއި، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމުގެ ޙައްޤުންވެސް އެމަނިކުފާން މަޙުރޫމު ކުރުމަކީ އެމަނިކުފާނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

 

މީގެ ކުރިން ލައިވުކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތްތައް މިހާރު ގެންދަނީ ކޯޓަށް ހާޟިރު ނުކޮށް ލައިވް ނުކޮށެވެ.

ޝިޔާމް ވިދާޅުވީ، އޮންލައިންކޮށް ޝަރީޢަތް ކުރިއަށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.

”ރައީސް ޔާމީނަކީ ތަޙުޤީގުތަކާ ޝަރީޢަތްތަކަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ނޫން. އެމަނިކުފާނަށް ނިޒާމުން އަނިޔާދީ އަނިޔާވެރިވުމަކީ ދިވެހި އެއްވެސް ރައްޔިތަކު މަޢާފުކުރާނެ ކަމެއް ނޫން.“ ޝިޔާމް ވިދާޅުވިއެވެ.

ވ.އާރަށް ކުއްޔަށް ދީގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލި ދަޢުވާތަށް ސާބިތުވެ ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.