ޗާގޯސް މައްސަލައިގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން، ރައްޔިތުންނަށް އޮޅުވައިލުމަށް ދިވެހި ސަރުކާރުން މަސައްކަތް ކޮށްފިއެވެ.

Ads by Asuru

ސަރުކާރު ކުންފުނިތަކުން ސްޕޮންސަރ ލިބޭ ގިނަ ނޫސްތަކުން މިއަދު ޚަބަރު ފެތުރީ ރައްޔިތުންނަށް އޮޅޭ ގޮތަށެވެ.

އެގޮތުން ނޫސްތަކުން މަސައްކަތް ކޮށްފައިވަނީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބަހަން އުޅުނު މައްސަލައިގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމި ގޮތުން ރާއްޖެއަށްވީ ފައިދާ ކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށެވެ.

ނަމަވެސް ހަގީގަތުގައި، އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް ލިބުނީ ގެއްލުމެވެ. އިޓްލޮސްއިން ނިންމާފައިވަނީ، ފުށުއަރާ ކަނޑުގެ ސަރަހައްދު، ރާއްޖެއާ މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއީ 200 ނޯޓިކަލް މޭލުގެ ސަރަހައްދެކެވެ.

ރާއްޖެއާއި ޗާގޯސް އާކިޕަގޯއާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިގްތިސާދީ ހާއްސަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

އިޓްލޮސްއިން މިއަދު މެންދުރު ފަހު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ހުކުމާއެކު ރާއްޖޭގެ ކަނޑުން 50،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިވެހިންނަށް މިވަނީ ގެއްލިފައެވެ.

އިޓްލޮސްގެ ނިންމުމާއެކު، ސަރުކާރާ ދެކޮޅު ގިނަ ބަޔަކު ދަނީ، ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރަމުންނެވެ.