މައިންނަކީ ދަރިންނަށްޓަކައި އެތައް ބުރައެއް އުފުލާ ބައެކެވެ. އެންމެ ތުއްތު އިރުން ފެށިގެން، ބޮޑުވެ އަމިއްލަ ދިރިއުޅުމެއް ފަށައިގަތަސް މައިން ދަރިންނާމެދު ބަހައްޓާ އޯގާތެރިކަމާއި ކުލުނަކަށް ބަދަލެއް ނާދެއެވެ. މަންމަގެ އޯގާތެރި ފިރުމުންތައް، އަބަދުވެސް ވަނީ ދަރިންނާއެކުގައެވެ.

Ads by Asuru

މިއީ ދީނީ ޢިލްމުވެރިޔަކު ހިއްސާ ކުރެއްވި އިބްރަތްތެރި ވާހަކައެކެވެ. ޝެއިހު އޭނާގެ ރަހްމަތްތެރިޔަކާ ބައްދަލު ކުރިއިރު، އެ ރަހްމަތްތެރިޔާ ވަނީ ވަރަށް ބޮޑު ހިތާމައެއްގައެވެ. އޭނާގެ މަންމަ ކެންސަރު ބަލީގެ ވޭނުގައި، ހަޔާތުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާތީ، ޝެއިހުގެ ރަހްމަތްތެރިޔާ އުޅެނީ އެކަމާ ދެރަވެގެންނެވެ.

ޑޮކްޓަރުން ވަނީ، މަންމައަށް ދެން ސަލާމަތް ނުވެވޭނެ ކަމަށާއި، ހަޔާތުގައި ބާކީ އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށް ވެސް ބުނެފައެވެ.

ކޮންމެއަކަސް، ޝެއިހުގެ ރަހްމަތްތެރިޔާ މާބޮޑަށް ރޯތީ، ޝެއިހު އޭނާއަށް ވަރަށް ބޮޑަށް ހިތްވަރު ދީފިއެވެ.  މަރަކީ ކޮންމެ މީހަކުވެސް ކުރިމަތިލާން ޖެހޭނެ ކަމެއް ކަމާއި، ދިރިތިބީންނަށް އޮތް ގޮތަކީ އެކަން ފެނި، ކެތްތެރިވުންކަން ޝެއިހު ހަނދާން ކޮށްދިނެވެ.

އެއާއެކު ޝެއިހުގެ ރަހްމަތްތެރިޔާ ބުންޏެވެ.

”އަހަރެން މި ރޮނީ، މަންމަ ވަކިވާން އުޅޭތީއެއް ނޫން. އެ ހިތާމަ އަހަރެންނާއެކު ނުވާ ވާހަކައެއް ނޫން. އެކަމާ ވަރަށް ދެރަވޭ. އެކަމަކު އަހަރެންނަށް މިހާ ބޮޑަށް މި ރޮވެނީ، މަންމަ އަހަރެންނަށް ކޮށްދިން ކަންކަމަށް، މަންމައަށް ދުވަހަކުވެސް ޝުކުރު އަދާ ކުރެވިފައި ނެތީމަ. އަހަރެން ދުވަހަކުވެސް އަހަރެންގެ މަންމައަށް ޝުކުރިއްޔާއެކޭ ނުބުނަން. މަންމަ މިހާރު އޮތީ، އަހަރެން ޝުކުރިއްޔާއޭ ބުނެފިއްޔާ، ބުނިކަންވެސް ނޭނގޭ ހާލަތުގައި.“ ޝެއިހުގެ ރަހްމަތްތެރިޔާ ރޮމުން ބުންޏެވެ.

ޝެއިހު ވިދާޅުވި ގޮތުގައި، ރަހްމަތްތެރިޔާގެ މި ވާހަކަ އަޑުއެހުމަށްފަހުގައި، ޝެއިހުގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ.

މައިންގެ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަން ކުރުމަށް އަހަރުމެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، އެއީ ކުރެވޭނެ ކަމެއް ނޫނެވެ. މަންމަގެ ލޯތްބާއި، މެދުކެނޑުމެއް ނެތް އެހީތެރިކަމަށްޓަކައި، މަންމައަށް އެންމެ ފަހުން ޝުކުރު އަދާ ކުރީ ކޮންއިރަކު ހެއްޔެވެ؟