ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.

Ads by Asuru

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ވީޑިއޯ މެސެޖަކުންނެވެ. ރައީސް ވަނީ ބައެއް މުސާރަތައް ބޮޑުވާނެ މިންވަރު ހާމަކުރައްވާފައެވެ.

މިގޮތުން ކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ، ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށާއި، ސްޕެޝަލިސްޓް ނަރުހަކަށް، 41،976 ރުފިޔާ ލިބޭނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ސީނިއަރ މެޑިކަލް އޮފިސަރުންނަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ، އަދި ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މާދަމާއިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.