ނޫސްވެރިންގެ އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ހާލަތެއްގައި ވެސް އިތުބާރު ހުރި ތެދު މައުލޫމާތު ފެތުރުންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

އެމަނިކުފާނު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ނޫސްވެރިންނަށާއި ނޫސްވެރިންގެ ޢާއިލާތަކަށް، އަދި ނޫސް އިދާރާތަކުގެ ވެރިންނާއި މުވައްޒަފުންނަށް، ފޮނުއްވާފައެވެ.

ރައީސްގެ ހިތާބުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ، ފަރުދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މުޖްތަމަޢެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އިސް ވާޖިބަކަށް ވާޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރާއްޖެއަށް ޑިމޮކްރެސީގައި ހޯދިފައިވާ ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތްކަން ފާހަގަކުރައްވައި މުޖުތަމައުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރަށް ރައީސްގެ ހިތާބުގައި އަލިއަޅުވާލެއްވިއެވެ.

އަދި އެމަނިކުފާނު ވަނީ ދިވެހި ނޫސްވެރިކަމުގައި ހޯދިފައިވާ ތަޖުރިބާތަކުގެ އަލީގައި ނޫސްވެރިކަމުގެ ކުރިމަގު އެއަށް ވުރެ އުޖާލާ ކުރުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

އޭގެއިތުރުން ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށާއި، އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރު ކޮށްދެއްވާނެކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.