މި ސަރުކާރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރިޔަށްދަނީ ޒުވާނުންގެ ބޭނުންތަކާއި އިޙްސާސްތަކަށް އިސްކަންދީގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ނައިބު ރައީސް މިހެން ވިދާޅުވީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމަކީ ސަރުކާރުން ކުރިޔަށްގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިޔަށްގެންދާނެ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޒުވާނުންގެ ތަރައްގީއަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، މަސައްކަތުގެ މާހައުލަށް ޒަމާނާއެކު އަންނަ ބަދަލުތަކަށް މަސައްކަތްތެރިން ތައްޔާރުކުރުމުގެ ގޮތުން މަތީ ތައުލީމާއި ތަމްރީނު ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، ދެމެހެއްޓެނިވި ފާގަތި މުސްތަގްބަލަކަށް މަގުފަހިކުރުމަށްޓަކައި ޒުވާނުންގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނައިބު ރައީީސް ވަނީ ޒުވާނުންގެ ހުނަރުތައް ތަރައްގީ ކުރުމުގައި ރާއްޖެއަށް އެންމެބޮޑަށް ބޭނުންވެފައިވާ ދާއިރާތައް ފާހަގަކުރައްވައި އެ ދާއިރާތަކުން ހުނަރުތައް ތަރައްގީ ކުރުމަށް އަމާޒުކޮށް ގިނަ ޕްރޮގްރާމުތަކެއް ފަށާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

އަދި މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އެއް އަމާޒަކަށް ކުރިޔަށްގެންދާ ޕްރޮގްރާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.