ރާއްޖެއާ މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށޫ އަރާ ބައިގެ އިން ކަނޑައެޅުމުގައި، އެ ގައުމުގެ މައްޗަށް ރާއްޖެއިން ހޯދީ ކާމިޔާބީ ކަމަށާއި، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް މައްސަލަ، ރައްޔިތުންގެ މަޖިލީހަށް ނުވައްދައި، އޭނާގެ ކަރުގައި އަޅުވަންވީ މާފައްޗެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by Asuru

މަހުލޫފް މިހެން ވިދާޅުވީ ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ރާއްޖޭގެ ކަނޑުން ބޮޑު ސަރަހައްދެއް ގެއްލުވާލުމުގައި އޭޖީ ރިއްފަތު ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށެވެ.

”ހަގީގަތް އޮޅުވައިނުލާށެވެ. ޗާގޯސް މައްސަލައިގަ ރާއްޖެއަށް ލިބުނީ ބޮޑު ކާމިޔާބެއް، ލިބުނީ ބޮޑު ބައެއް. މޮރިޝަސްގެ މައްޗަށް ގަދަވީ މިކުޑަކުޑަ ދިވެހިރާއްޖެ.“

މަހުލޫފު އިތުރަށް ވިދާޅުވީ، އޭޖީގެ ކަރުގައި، ހަޤީގަތުގައި އަޅުވަންވީ، މާފައްޗެއް ކަމުގައެވެ.

”ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނެތި، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަކީ ޗާގޯސް މައްސަލައިގަ ކުޅެނީ ޑްރާމާއެއްކަން އިތުރަށް ރައްޔިތުންނަށް ޔަގީންވާކަމެއް“

އޭނާ އިތުރަށް ވިދާޅުވީ، މިއަދު ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައެކޭ ޖަމަލު ފޮޑިއެކޭ ތަފާތެއް ނެތް ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މަސައްކަތް ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން، އިތުރު ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައެވެ.