އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ފާސްކޮށް އޭނާ މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެ ކަމަށާއި، އޭނާގެ މައްޗަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީޕީއެމް/ޕީއެންސީ, އެމްއެންޕީ, ޖޭޕީ އަދި “ފިކުރެއްގެ ދިރުން“ ފެކްޝަނުގެ މެންބަރުންނެވެ.
މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް، އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ފަރާތުން ރިފްއަތު ވަކާލާތުކުރައްވާފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް ޕާޓީން ގަބޫލުކުރާ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ރިފްއަތުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލުވި މަސައްކަތެއް ކަމަށެވެ.
”ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައިނުވާ އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ކުރައްވާފައި ވަނީ ތައުރީފު ހައްގު ޒިންމާދާރު މަސައްކަތްތަކެއް. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތު.“
އެމްޑީޕީން ބުނީ ރިފްއަތުގެ މައްޗަށް އެ ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.