ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވެއްދުމަށް ކުރާ މަސައްކަތުގައި، އެ ޕާޓީގެ އެއްވެސް މެމްބަރަކު ސޮއިކޮށްފިނަމަ، ޕާޓީން ވަކިކުރާނެކަމުގެ އިންޒާރު ދީފިއެވެ.

Ads by Asuru

ޗާގޯސް މައްސަލައިގައި ގާނޫނު އަސާސީއާއި ގާނޫނީ އިމުން ބޭރުން ސަރުކާރުން އަމަލުކޮށްފައިވާކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިސްވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ހުށަހެޅީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މައްސަލައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަތައް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، އިދިކޮޅު ޕީޕީއެމް، ޕީއެންސީއެވެ.

މިކޯލިޝަންގައި، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ.

ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީގެ މެމްބަރުން ހަރަކާތްތެރިވެއްޖެނަމަ އަމަލު ކުރާނެ ގޮތަކާއި ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް އަމަލު ނުކުރެވޭނެކަމަށެވެ.

ރައީސް ސޯލިހުގެ އިތުބާރު އެމްޑީޕީއަށް ނުގެއްލޭކަމަށާއި ރައީސް ސޯލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްކަމަށް އިބުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަންކަމުގައި އިސްކޮށް އުޅުއްވާ މެމްބަރުންނަކީ މިހާރު އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ މެމްބަރުން ނޫންކަމަށެވެ. އެގޮތުން އޮޓޯއިން އެ މެމްބަރުން ޕާޓީން ވަކިވެފައިވާނެ ކަމަށެވެ.

އަދި މިފަދަ ކަމެއްގައި އުޅުއްވާ މެމްބަރަކު އެނގިއްޖެނަމަ އެމެމްބަރަކު ޕާޓީން ވަކި ކުރުމަށްޓަކައި، ޕާޓީގެ އުސޫލު ހަމަޖެހިފައިިވާ ގޮތުގެ މަތީން ޕާޓީގެ ސުލޫކު ކޮމެޓީއަށް ހުށަހަޅައި އެމެމްބަރަކު ޕާޓީން ވަކި ކުރާނެކަމަށްވެސް ވަހީދު ވިދާޅުވިއެވެ.