ރާއްޖޭގެ މަސްކަނޑު ދޫކޮށްލީ މޮރިޝަސްއަކަށް ނޫން ކަމަށާއި، އަވަށްޓެރި އިންޑިއާއަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

އުމަރު މިހެން ވިދާޅުވެފައިވަނީ ޗެނަލް13ގެ ”ނިއުސްޓޯކް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވަނީ މި ވެރިކަމުގައި ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގޮސްފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވާލައްވައި، ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ފެނިގެން ދިޔައީ، އިންޑިއާ އިން އެދޭ ގޮތަށް ރާއްޖޭގެ ހާރިޖީ ކަންކަން ބައްޓަން ކުރަމުން ދިޔަ މަންޒަރުކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތީ ވެސް، އެ ގައުމުގެ އެހީގައި ކަމަށެވެ.

”އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިދަ ހޫރެމުން ދިޔަސް، އަޅުގަނޑުމެންގެ މިނިވަންކަން، ހިމަ ވަމުން، ކުދި ވަމުން މިދަނީ.“ އޭނާ ވިދާޅުވިއެވެ.

މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅިގެން ދިޔައިރު، އެ ގައުމަށް ރާއްޖެއާ ނެގޮޝިއޭޓް ކުރެވުނީ އިންޑިއާ މެދުވެރިވެގެން ކަމަށާއި، ދިވެހި މަސްކަނޑު ދޫކޮށްލީ އިންޑިއާއަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

”އެހެންވީމަ، މި ދޫކޮށްލި ދޫކޮށްލުމަކީ އިންޑިއާއިން ބުނެގެން، ދޫކޮށްލި ދޫކޮށްލުމެއް ކަމާމެދު އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް، އިނގޭތޯ“ އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ މޮރިޝަސްގެ އާބާދީގެ 70 އިންސައްތަ އަކީ، އިންޑިއާ ދަރިކޮޅުގެ މީހުން ކަމަށާއި، އެ ގައުމުގެ މައްޗަށް އިންޑިއާގެ ވަރަށް ބޮޑު ނުފޫޒެއް އޮންނަ ކަމަށެވެ. އިންޑިއާގެ ނުފޫޒު، މޮރިޝަސްގެ ކޯސްޓްގާޑަށް ވެސް އޮންނަކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، އެ ގައުމުގެ ކަނޑު ބަލަހައްޓަނީ ވެސް އިންޑިއާ ކަމަށެވެ.

”އަޅުގަނޑުމެންނަށް މި އޮތީތާ،(އިންޑިއާ އިން) ހެލިކޮޕްޓަރު ދީފަ، ހަމަ އެގޮތަށް މޮރިޝަސްއަށް ހުންނާނެ، ކަނޑު އުޅަނދު ދީފަ، އޭތި ދުއްވަދޭނީ އިންޑިއާ މީހުން.“

އުމަރު ވިދާޅުވީ މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ މައްސަލައިގައި ދެ ގައުމުން ބަހުސްތައް ކުރާތާ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް، އެ ގައުމުން ބުނާ ބުނުމަށް ދީލާލީ، މި ސަރުކާރުން އެކަނި ކަމަށެވެ.