ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އިސްލާމް ދީނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރ މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން 1444 ވަނަ އަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ބޭއްވި ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މާލެ ސިޓީ ކައުންސިލުން ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރ ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި މަދަޙަ ކިއުމަށް ހިތްވަރު ދިނުމަކީ ނަފްސަށް ދެވޭ ކާނާއެއް ކަމަށާއި މިކަންކަމަކީ ޢަމަލުތައް ރަނގަޅު ގޮތުގައި ބެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މޭޔަރ ވިދާޅުވީ މިއަހަރާއި ނިމިދޔަ އަހަރުގެ ރަމަޟާން މަހު ވެސް މާލެ ސިޓީ ކައުންސިލުން ޤުރުއާން އަދި މަދަޙަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މާތް މަޤްޞަދުގައި ކަމަށެވެ.

މޭޔަރގެ ވާހަކަފުޅުގައި މާލެ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާފައެވެ.