ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

Ads by Asuru

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމެވެ.

ޝިޔާމް ހުށައެޅުއްވި މައްސަލައިގައިވަނީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއް ނެތި ހުރިހައި ދިވެހިރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަންކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއި، ޚަބަރާއި މަޢުލޫމާތާއި ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަންކަން ފުރިހަމައަށް ދިވެހިންނަށް ފޯރުކޮށްދީފައިވާކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތައް ހަނިކުރެވޭނެ މިންވަރާއި، އެ ޙައްޤުތައް ހަނިކުރެވޭނެ ގޮތް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށް އެ މައްސަލާގައިވަނީ ބުނެފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި އެ ހައްގުތައް ހަނިކޮށްފައިނުވާ ދަރަޖައަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލި ގައިޑްލައިނަކުން އެ ހައްގުތައް ހަނިކޮށް ވަކިވަކި މީޑިއާތަކަށް އިންޒާރުދީ ބިރުދައްކަމުންދާކަމަށް ޝިޔާމްގެ ކުއްލި މައްސަލައިގައިވެއެވެ.

އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގައި ވޯޓު ނެގިއިރު ހާޒިރުވެ ތިއްބެވީ 49 މެންބަރުންނެވެ.

އެކަމުގައި ބަހުސް ކުރަން ފެންނަ ކަމަށް 20 މެންބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.