އެމްޑީޕީގެ ރައީީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާތީ، ސިޔާސީ މަގާމުތަކުގައި ތިބި އިތުރު ފަރާތްތަކެއްވެސް މަގާމުން ވަކި ކޮށްފިއެވެ.

Ads by Asuru

މިގޮތުން، ރައީީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރެއްވި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު މުޖުތަބާއާއި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އަލީ ހާޝިމް (ސްމިތު) އިއްޔެ މިވަނީ މަގާމުން ވަކިކުރައްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވިކަން އަންގައި ރައީސް އޮފީހުން ވަނީ އެ ދެ ބޭފުޅުންނަށް ސިޓީ ފޮނުވައިފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުޖުތަބާ އައްޔަންކުރެއްވީ 2018 ނޮވެމްބަރު 29 ގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމަށް ސްމިތު އައްޔަންކުރެއްވީ 2019 ސެޕްޓެމްބަރު 6 ގައެވެ.

”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރެއްވުމުން ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާޝިޔަތު އަލައިކާ އަދުނާނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމްދާނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި މުހައްމަދު އަންސާރު ވެސް ވަނީ މަގާމުން ވަކިކުރައްވައިފައެވެ.