ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ޕާކިސްތާނުގެ ތިން ފިރިހެނުންނެވެ.

އެ ތިން މީހުންނަކީ، ނަޢީމް ޠާރިޤް, 32 އާއި މިޞްބާޙު ބިބީ, 32 އާއިޝާހްޒާދު ޙުސައިން, 36 އެވެ.

އެ ތިން މީހުން ވެސް ފަަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައި ބުނެފައިވަނީ އެ ތިން މީހުން ރާއްޖެއަށް އައިއިރު, އެ މީހުންގެ އަމަލުތައް ހުރި ގޮތުން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވިގެން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ރިޕޯޓް ހެދިއިރު ހަށިގަނޑުގެ ތެރޭގައި ފޮރިން ބޮޑީސް ހުރިކަން އެނގޭ ކަމަށެވެ.

މި ތިން މީހުން މި ވަގުތު އޮތީ ދޫނިދޫ މެޑިކަލް ކްލިނިކްގައި ކަމަށްވާތީ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ކުރިއަށްގެންދިޔައީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށެވެ.

އެ މީހުން ދޫކޮށްލާ ވަގުތުން ފެށިގެން 24 ގަޑިއިރުތެރޭގައި އަލުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ވަނީ އަމުރުކޮށްފައެވެ.