ށ.ނޫމަރާއަށް އާ މިސްކިތެއް ބޭނުންވާ ކަމަށް އެރަށުގެ ކައުންސިލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ދަންނަވައިފިއެވެ.
ނޫމަރާގެ ކައުންސިލަރުން އިއްޔެ ވަނީ ރައީސް ސޯލިހުއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައި ވަނީ އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކެވެ.
އޭގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި ސްކޫލާއި ޞިއްޙީ މަރުކަޒު ޖާގައިގެ ދަތިކަމާއި ވަސީލަތުގެ ގޮތުން އެތަންތަނަށް ކުރިމަތިވާ ދަތިތަކާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި އަދި ރަށަށް އާ މިސްކިތެއްގެ މުހިމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ކައުންސިލަރުން ވަނީ ސިއްހީ މަރުކަޒަށް މިވަގުތު ކުރިމަތިވެފައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބޭ ގޮތަށް މިސަރުކާރުން އެ މަރުކަޒުގެ އެކްޓެންޝަން އިމާރާތެއްގެ މަޝްރޫއު ހަމަޖައްސަވައިދެއްވާފައިވާތީ އާއި ސްކޫލަށް ހަތަރު ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކައުންސިލު އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އަޅުއްވާ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ, ކައުންސިލު މެންބަރުން ވަނީ އެކަން ވެސް ފާހަގަކުރައްވާފައެވެ.