ރާއްޖޭގެ މަސްކަނޑު ވިއްކާލި މައްސަލައިގައި، ކަންބޮޑުވާ މިންވަރު ހާމަ ކުރުމަށް، މިރޭ ބާއްވާ ޖަލްސާއަށް ކޮންމެ ރައްޔިތަކުވެސް ހާޒިރުވުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ ޗެނަލް13ގެ ޕޮރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޗާގޯސްއާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުން، ރާއްޖޭގެ ދެކުނުގެ މަސްކަނޑުން 45،000 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ބައެއް ގެއްލުނު މައްސަލައިގައި ކަންބޮޑުވުންފާޅު ކުރުމަށް، މިރޭ ”ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ މަސްކަނޑު“ މި ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ.

ޕީއެންސީގެ ނައިބު ރައީީސް އާދަމް ޝަރީފު ވިދާޅުވީ، މިރޭގެ ޖަލްސާގައި ބައިވެރިވެ، މަސްކަނޑު ވިއްކާލުމާ ދެކޮޅުކަން، ސަރުކާރަށާއި، މުޅި ދުނިޔެއަށް ވެސް ހާމަ ކޮށްދޭން ޖެހޭ ކަމަށެވެ.

”އެއީ މިވަގުތަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ. މި މެސެޖު އަޅުގަނޑުމެން ސަރުކާރަށް ވެސް، އަދި ބައިނަލްއަގްވާމީ ދުނިޔެއަށް ވެސް އެބަ ދޭން ޖެހޭ.“

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، މިކަމުގައި ކޮންމެ މީހެއްގެވެސް، ފަރުދީ ޒިންމާ އޮތްކަން ދަނެ، ބައިވެރިވުމަކީ މުހިންމު ކަމެއް ކަމުގައެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމަކީ އިސްތިއުނާފީ ހައްގު ލިބިދޭ ހުކުމެއް ނޫން ކަމަށާއި، އެ ނިންމުން އެއްވެސް މަރުހަލާއެއްގައި ބަދަލުނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވިއިރު، އެއީ ބަދަލު ކުރެވޭނެ ނިންމުމެއް ކަމަށް ”ކަނޑު ވިއްކާލުމާ ދެކޮޅު“ ކޯލިޝަނުން ބުނެއެވެ.