މި ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ، ތިލަމާލެ ބްރިޖު އެޅުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސްއަކީ ބްރިޖު އަޅާ ބައެއް ނޫންކަމަށާއި، އެކުންފުންޏަށް ބްރިޖު ނޭޅޭނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާލެ ސިޓީ ހުލުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް އަދި ފެށިފައިނުވާއިރު، އަންނަ އަހަރުގެ ޖުލައި މަހަށް އެ ބްރިޖުގެ މަސައްކަތް ނިންމާ، ދަތުރުކުރަން ފެށޭވަރުވާނެކަމަށް އެފްކޮންއިން ވަނީ ބުނެފައެވެ.

ޝުޖާޢު ވިދާޅުވީ ތިލަމާލެ ބްރިޖުގައި އަންނަ ޖުލައި މަހުގައި ދަތުރުކުރެވޭނޭ ބުނަނީ ރައްޔިތުންނަށް އޮޅުވާލުމަށްކަމަށާއި، އެ މަޝްރޫއު އެފްކޮންއަށް ކުރިއަށް ނުގެންދެވޭނެ ކަަމަށެވެ.

އަދި ރައްޔިތުން ޖުލައިމަހު ދުއްވަންޖެހޭނީ ޗައިނާ-މޯލްޑިވްސް ބްރިޖުގައި، އެއީ ތިލަމާލެ ބްރިޖް ކަމަށް ދެކިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.