ބަންޑާރަ ނައިބު، އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޭއެޖެންޑާ ކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް މެދުކަޑާލައިފިއެވެ.

Ads by Asuru

އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގައި އަނގަބަހުން ޖަވާބު ދެއްވުމަށް ރިފްއަތު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެވެ.

އެހެންނަމަވެސް ޖަލްސާ ފެށުމާއެކު އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރައްވަން ފެއްޓެވިއެވެ.

އޭޖީ މަޖިލީހަށް ހާޒިރުވެވަޑައިގަތީ، އިތުބާރު ނެތް ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރައްވާތީތޯ، މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ސުވާލުވެސް ކުރެއްވިއެވެ.

ރިޔާސަތުން ވަނީ، މައްސަލަ މިއަދުގެ ޖަލްސާއަށް އަލުން އެޖެންޑާ ކޮށްފައި އޮތުމުން، މައްސަލަ ވެސް އަލުން ހުށަހަޅުއްވަން އެދިވަޑައިގަންނަވައިފައެވެ. ނަމަވެސް، އާދަމް ޝަރީފު ސުވާލު ތަކުރާރު ކުރައްވައި، ޕާޓީއާއެކު މަޝްވަރާ ކުރައްވަން ބޭނުންވެލައްވާކަން ފާހަގަކުރެއްވިއެވެ.

އޭގެ ފަހުން ވެސް މަޖިލީހުގައި މެމްބަރުން އަޑު ގަދަ ކުރައްވާތީ، ރިޔާސަތުން މަޖިލިސް މެދުކަނޑައިލެއްވީއެވެ.