ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯދަން އިދިކޮޅުން ރައީސް އޮފީހަށް މިއަދު ވަޑައިގެންފިއެވެ.

Ads by Asuru

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މީޑިއާއަށް ފޮނުއްވި މެސެޖެއްގައި ބުނީ ރައީސްގެ ސިޓީ ހޯދަން އިދިކޮޅުގެ ޕާލަމަންޓްރީ ގްރޫޕުން ރައީސް އޮފީހަށް ވަޑައިގަތީ، މިއަދު މެންދުރު 11:30 އަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި، އިޓްލޮސްގެ ނިންމުމާއެކުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 44،000 އަކަ ކިލޯ މީޓަރުގެ ބައެއް ގެއްލުނީ، ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިއްރު ސިޓީއާ ގުޅިގެންނެވެ.

ރައީސް އޮފީހުން ނުކުމެ މީޑީއާތަކާއި ބައްދަލުކޮށް އިދިކޮޅުން ބުނީ ރައީސް އޮފީހުން އެބޭފުޅުންނަށް ދިން ޖަވާބަކީ ސިޓީ ހިއްސާ ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއާއި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މިމައްސަލާގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރާތާ 8 މަސް ދުވަސް ވެއްޖެ ކަމަށެވެ. އަދި ރައީސް އޮފީހަށް ސިޓީ ހޯދަން ދިއުމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ވިދާޅުވީ ސިޓީ ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާއިކަމަށް ވިދާޅުވި ކަމަށް އާޒިމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން، އިދިކޮޅުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.

ނަމަވެސް މި މައްސަލައިގައި ވޯޓަށް އަހައިފައެއް ނުވެއެވެ.