ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް އެރުވުމަށް ބޮޑު ޖަލްސާއެއް ބާއްވަން ހަމަޖައްސައިފިއެވެ.

Ads by Asuru

ޕްރައިމަރީއަކާ ނުލައި ގާސިމް ޓިކެޓް ކަށަވަރު ކުރެއްވިއިރު، އެމަނިކުފާނަށް ޓިކެޓް އެރުވުމުގެ ޖަލްސާ އޮންނާނީ  މިރޭ ކާނިވާ ސަރަހައްދުގައެވެ.

އެ ޖަލްސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މި ޖަލްސާގައި ގާތްގަނޑަކަށް 4،000 މީހުން ބައިވެރިވާނެ ކަމަށާއި މި އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި މިއީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޖަލްސާ އަށް ވެގެންދާނެ ކަމަށާއި މި ޖަލްސާގައި ތަފާތު އެކި ކަންކަން ފެނިގެންދާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

”ރިޔާސީ ޓިކެޓެއް އެރުވުމަށްޓަކާ ބޭއްވާ އެންމެ ފުރިހަމަ، އެންމެ އާދަޔާ ހިލާފު އެއް ޖަލްސާ އަށް މި ޖަލްސާ ވެގެންދާނެ.“ ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މި ޖަލްސާ އަށް އަތޮޅުތެރޭގެ ރަށްތަކުން މީހުން ނުގެންނާނެ ކަމަށާއި ނަމަވެސް ރަށްތަކުގައި ތިބި ޖޭޕީގެ ބައެއް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ޖަލްސާގައި ބައިވެރިވާނެ ކަމަށެވެ.

އަދި މޫސުން ތަންދޭ ނަމަ މާލެއާ ކައިރި ހިސާބުތަކުން އަމިއްލަ ގޮތުން ބަޔަކު އަންނަކަން އެނގިފައި ނުވާ ކަމަށާއި އެފަދަ އިންތިޒާމެއް ޖޭޕީން ހަމަޖައްސާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.