އިސްލާމީ ޝަރީއަތުގައިވާ ގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުން މި ސަރުކާރުންވެސް ނުގެންގުޅޭކަން ހާމަކޮށްފިއެވެ.

Ads by Asuru

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި މިސަރުކާރުން އަމަލުކުރަމުން އަންނަނީ މީގެ ކުރިން ވެސް އެކަމުގައި އަމަލުކުރަމުން އައިސްފައިވާ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.

މިނިސްޓަރު އިމްރާން މިގޮތަށް ވިދާޅުވެފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.

އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު މި ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުންނެވެ.

އަދި އެފަދަ ފަރާތްތަކުގެ ހުކުމް މިސަރުކާރުން ތަންފީޒުކުރާނެތޯ، މެމްބަރު ތޯރިގު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުންއައި ސިޔާސަތަކީ، އެކަމާ ގުޅޭގޮތުން މިހާރުވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން ކަމަށެވެ.

އިމްރާން ވިދާޅުވީ މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން ކަމަށާއި، މިއީ ޒަމާނުއްސުރެއް މިރާއްޖޭގައި މަރުގެ ހުކުމުގެ މައްސަލަތަކުގައި އަމަލުކުރަމުން އައި ގޮތް ކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމައި، އެކަމާ ގުޅޭ މަސައްކަތްތަކެއް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮށްފައިވެއެވެ.