އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ ތަރުޖަމާނު ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކުރި މައްސަލައިގައި، އިންޑިއާ ސަރުކާރުން މާފަށް އެދެން ޖެހޭ ކަމަށާއި، މިކަމުގައި ދިވެހި ސަރުކާރުން ހަނު ހުރުމުން، ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިއާގެ ބާރުގެ ދަށުގައިވާކަން އެނގޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މުސްލިމުންނާމެދު ނަފްރަތު އުފެދޭ ގޮތަށް އެތައް ވާހަކައެއް ދައްކަމުން އަންނަ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރް ޝަރްމާ ވަނީ ރަސޫލާ(ސ.އ.ވ)ގެ ކައިވެނިފުޅުތަކާއި ގުޅުވައިގެން އެކަލޭގެފާނަށް ފުރައްސާރަކޮށް، ޓީވީ ޗެނަލެއްގައި ވާހަކަ ދައްކާފައެވެ.

ބަހުސެއްގެ ތެރެއިން އޭނާ ދެއްކި ވާހަކައާ ގުޅިގެން ބީޖޭޕީއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު، އެޕާޓީން އޭނާ ސަސްޕެންޑް ކުރީ އާދިއްތަ ދުވަހުއެވެ.

އުމަރު ވިދާޅުވީ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަަަމަށާއި، މިއީ އިންޑިއާ ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމެއް ކަމަށެވެ.

ކުރީގެ ހޯމް މިނިސްޓަރު ނަސީރު–

އަދި މިކަމުގައި ސަރުކާރުން ހަނު ހުރުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައިވާކަން އެނގޭ ކަމެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މި މައްސަލަ ސަރުކާރުން ކުށްވެރި ނުކުރާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެމްޑީޕީ މެމްބަރުންގެ ވޯޓާއެކު މި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

ބީޖޭޕީން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ސަރުކާރުން ހަނު ހުރުމުން، އެތައް ބަޔަކު ދަނީ މިކަމަށް ފާޑުކިޔަމުންނެވެ.