މަރުގެ ހުކުމް ތަންފީޒު ކުރަންވީތޯ، ނުވަތަ ނޫންތޯ، އެއީ ދައުލަތަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ މަރުވި މީހާގެ ވާރިސުންގެ ހައްގެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައިވަނީ މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުން ނުގެންގުޅޭކަން ހޯމް މިނިސްޓަރު އިމްރާން، ރައްޔިތުންގެ މަޖިލީހުގައި މިއަދު ހާމަކުރެއްވުމާ ގުޅިގެންނެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް އިމްރާނާއި ސުވާލު ކުރައްވާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގުއެވެ. އޭނާ ސުވާލު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރައާތުތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފު ކުރެއްވުމަށެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މިސަރުކާރުން އަމަލު ކުރާނީ ފާއިތުވެދިޔަ ބައި ގަރުނުގެ ތެރޭގައިވެސް ނިމިދިޔަ ސަރުކާރުތަކުން އަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުމަށް ކަމަށެވެ.

މިކަމާ ގުޅިގެން، ފޭސްބުކްގައި އުމަރު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ވިސްނުން، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ގެންގުޅުނު ކަމަށެެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، ގަވައިދު އެކުލަވާލައި، ގެޒެޓު ކުރެވުނުކަންވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

”އަޅުގަނޑުގެ މިނިސްޓަރު ކަމުގައި ސުޕްރީމް ކޯޓުގެ މަރުޙަލާ ނިމިފައި ހުރި އެއްވެސް ގައިދީ އަކު ނެތް. އެ މަރުހަލާ ނިމިގެން އަޅުގަނޑާ ހަމައަށް އައިނަމަ، އަދި ވާރިސުން އެދޭނަމަ، މަރުގެ އަދަބު ތަންފީޒް ކުރެވުނީސް.“

އުމަރު ވަނީ މަރަށް މަރު ހިފުން، ނުވަތަ ގިސޯސް ހިފުމަކީ، މަރުވި މީހާގެ ވާރިސުންގެ ހައްގެއް ކަމަށާއި، ވާރިސުން އެދޭނަމަ، ގިސޯސް ހިފޭނެ ކަމަށް ވިދާޅުވެފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ އުމަރު އިތުރަށް ވިދާޅުވީ އޭނާއަށް ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮޅުގައި އިށީންދެވަޑައިގެންނެވިއްޖެ ނަމަ، ގިސޯސް ހިފާނެ ކަމަށެވެ.

”ކުށްވެރިންނަށް ހައްގު އަދަބު ލިބޭނެ. އާއިލާތަކަށް އިންސާފު ލިބިދެވޭނެ. އަމާން ގައުމަކަށް ރާއްޖެ ބަދަލުވާނެ.“

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާއިރު އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައެވެ.