އިލްޔާސް ލަބީބާ އެކީ ދަ ޑިމޮކްރެޓްސް އަށް ހޯދޭނެ ވެރިކަމެއް ނެތް ކަމަށާއި، އޭނާ އަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ޑިމޮކްރެޓްސްގެ ބާނީ، ރައީސް މުހައްމަދު ނަޝީދުގެ ގުރުބާން ކަންބަޅިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ މިހެން ވިދާޅުވީ، ރައީސް ނަޝީދާ އެކި އައްޑު އަށް ވަޑައިގެން، އައްޑޫގެ އެކި އަވަށްތަކުގައި އޭނާ ކެމްޕެއިން ކުރެއްވުމާއި ގުޅިގެން، ކުރެއްވި ޓްވީޓެއްގައެވެ.

މަވޯޓާ ވިދާޅުވީ އިލްޔާސް އަކީ ސީރިޔަސް ކެނޑިޑޭޓެއް ނޫންކަން އައްޑޫ ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އޭނާ އަކީ ސިޔާސީ ގޮތުން ނަޝީދު އަނެއްކާ ވެސް ޤުރުބާން ކުރައްވާ ކަންބަޅިއެއް ކަމަށެވެ.

”އިންތިހާބު ކާމިޔާބުވުމުގެ އެއްވެސް އުންމީދެއް އޮތް ނަމަ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެނޑިޑޭޓަކަށް ވާނީ ނަޝީދު.“ މަވޯޓާ ވިދާޅުވިއެވެ.

އިލްޔާސަށް ޑިމޮކްރެޓްސްގެ ރީޔާސީ ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީ އަށް ހުޅުވައިމުން އިތުރު މީހަކު ކުރިމަތިލާފައި ނުވާތީއެވެ.