މާލެ ސިޓީ ކައުންސިލުގެ ހަރަދުގައި ވިލިމާލޭގެ ރައްޔިތުންނަށް ޕަބްލިކް ފާހާނާގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވިލިމާލެ ކައުންސިލަރު ނަހުލާ އަލީ ހުށަހަޅުއްވައިފިއެވެ.
ވިލިމާލޭގައި ޕަބްލިކް ފާހާނާގެ ހިދުމަތް ރައްޔިތުންނަށް ލިބެމުން ނުދާތީ، އެކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަކަން ފާހަގަކުރައްވައި، ކައުންސިލަރު ނަހުލާ، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ވަނީ ވިލިމާލެ އިރުމަތީ ފަރާތު މާލެ ހިނގުމާ އިންވެގެން ހުރި ހަ ނަމްބަރު ފާހާނާ ބަރި، ބްލޮކް 031 ރައްޔިތުންނަށް ހިދުމަތް ލިބޭނެ ފެންވަރަށް ސިޓީ ކައުންސިލުގެ ހަރަދުގައި ހެދުމަށް ހުށަހަޅައި، ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމައި ދިނުމަށް ހުށަހަޅުއްވާފައެވެ.
ނަހުލާ ވަނީ ވިލިމާލޭގެ ރައްޔިތުން ކުރިއަށް އޮތް ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާކަން ފާހަގަކުރައްވައި، އީދަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، މިކަަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ.
އޭނާގެ މި ހުށަހެޅުން ސިޓީ ކައުންސިލުން ބުދަ ދުވަހު ބާއްވާ ރަސްމީ އާންމު ޖަލްސާއަށް ވަނީ އެޖެންޑާވެސް ކޮށްފައެވެ.
ވިލިމާލެ ބީޗު ސަރަހައްދުގައި ހުރި ޕޭ ޓޮއިލެޓާ ގުޅޭގޮތުން ސިޓީ ކައުންސިލުން ނެގި ރިޕޯޓްގައި އެތަނުގައި ހުރި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އަމްސަން އެފް އެން ބީ ޕްރައިވެޓް ލިމިޓެޑަށް އައުޓްސޯސް ކޮށްފައިވާ އެ ތަނުގައި ދެ ފާހާނާއާއި ދެ ފެންވަރާތަން ހުރި ނަމަވެސް ތަން ނުބަލަހައްޓާ ކަމާއި، ހަލާކުވެ ހަޑިވުމުންވެސް އެއްވެސް މަރާމާތެއް ކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.
އަދި ގިނަ އަހަރުތަކެއް ވެފައިވާ މިތަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ކޮށްފައިނުވާކަން ފާހަގަކުރެވިފައެވެ.
އެތަނުގެ ހާލަތަށް ބަލާއިރު، ފާހާނާތައް ބާވެ، ފާހާނާ ތަށިތައް ވަނީ ރަތްވެފައިކަން ފޮޓޯތަކުން އެނގެއެވެ.

މީގެއިތުރުން، ޕޭ ޓޮއިލެޓްގެ ބޭރުގައި ފެންގަނޑު ހެދި ތަން ނަޖިސްވެފައި އޮންނަ ކަމުން، ނުބައިވަސް ދުވާކަންވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.
