ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ”ދުޅަހެޔޮ އިސްރަށްވެހިން“ ގެ ނަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށަން ނިންމާފައިވާ ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް ދީފިއެވެ.

Advertisement
Advertise with us

މި ޕްރޮގްރާމަކީ ގިނަ އިސްރަށްވެހިން އަބަދު ގޭގައި ތިބެންޖެހޭ ޖެހުމާއި، އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވުން ނައްތާލައި، އެ ފަރާތްތަކަށް އުފާވެރި އަދި ހަރަކާތްތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ރާވާފައިވާ ހަރަކާތެކެވެ.

މުޅިން ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން ގޫގުލް ފޯމް މެދުވެރިކޮށް ދުޅަހެޔޮ އިސްރަށްވެހީންގެ ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި މަހު ފަސްވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގެ ތެރެއިންވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން މި ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ވީހާ ވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ”ދުޅަހެޔޮ އިސްރަށްވެހިން“ ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދިނީ ކަމަށެވެ.

”ދުޅަހެޔޮ އިސްރަށްވެހިން“ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި ހަރަކާތާއެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭ ގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިން އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެ ކަމަށާއި އިސްރަށްވެހިންނާ ގުޅޭ މި ނޫންވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ބައިވެރިންގެ ރައްކާތެރިކަމާއި ސިއްހީ ހާލަތަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ބައިވެރިންނަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ އިތުރުން، ސެޝަންތައް ކުރިއަށްދާ ވަގުތު ފަސްޓްއެއިޑްގެ ހިދުމަތާއި، ބޯފެނާއި އަރާމުކުރާނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމަކީ އެޗްޑީސީ އާއި ހެލްތު މިނިސްޓްރީ އާއި ހުޅުމާލެ ހޮސްޕިޓަލާއި، ފުލުހުންނާއި، ފިޒިއޯ ސޮލިއުޝަންސްގެ އިތުރުން ޕެންޝަން އޮފީހާއި، އެމްޓީސީސީއާއި، އުރީދޫ އަދި އެކިއެކި އެންޖީއޯތަކުގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ، މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ، މުޅި ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުމެވެ.