19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން މިދާ ދައުރު ދަންމައިލުމަށް މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން ފާސްކޮށްފައި ވަނީ، ޖަލްސާތައް މި ހިނގާ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދިޔުމަށެވެ. މި މުއްދަތަށް ދައުރު ދަންމައިލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ.

މަޖިލީހުގައި މި ހުށައެޅުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުން ވޯޓު ދެއްވީ މަޖިލީހުގެ ދައުރު ދިގުކުރަން ފެންނަ ކަމަށެވެ. މި ހުށައެޅުމާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ދައުރު ދަންމާލަން ނިންމާފައި ވަނީ މި ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އޮތުމުންނެވެ. އެ މައްސަލަ މިއަދަށް އެޖެންޑާ ކުރި ނަމަވެސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ފުރިހަމަ ނުވާ ކަމަށް މަޖިލީހުގެ ރައީސް  އަސްލަމް ވަނީ ނިންމަވާފައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ތެރޭގައި މަޖިލީހުގެ މުއްދަތު އިތުރުކުރި 3 ވަނަ ފަހަރެވެ.