އެއް ކިލޯގެ މަސްތުވާތަކެއްޗާއި ވޭޕް ކާޓްރިޖްތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރުކުރީ ކ. ހުރާ، ސާނީވިލާ، އުމުރުން 26 އަހަރުގެ ހުސައިން ޝާވިންއާއި، ތ. ތިމަރަފުށި، ވިލާ، އުމުރުން 21 އަހަރުގެ މަރްޔަމް އިޝާ އަޝްރަފްގެ އިތުރުން ސ. ހުޅުދޫ، ރޭޝަމް، އުމުރުން 25 އަހަރުގެ މުހައްމަދު ނާހިލްއެވެ.

އެ މީހުންގެ ބަންދު އެކި ފަހަރުގެ މަތިން އިތުރުކުރުމަށް ފަހު، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ތިން މީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެމީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން މާފަންނުގައި ހުންނަ ގެއެއް ބަލައިފާސްކުރިއިރު، 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

މީގެ އިތުރުން މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރުގެ އިތުރުން ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސީނަށް ދިޔަ ފުލުހުގެ ބަޔާނުގައިވާގޮތުން ފެނިފައިވަނީ 372.52 ގްރާމުގެ މެތާއި، 225.09 ގްރާމުގެ ހެރޮއިން އަދި 3992.18 ގްރާމުގެ ކެނަބިސްއެވެ.