މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދިޔުމަށް އިޢުލާނު ކޮށްފައިވާ ފުށިދިއްގަރު ފަޅު މަޝްރޫޢު، އެމަނިކުފާނު މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ.
މި ބިޔަ މަޝްރޫޢު ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީީސް މުޢިއްޒު ވިދާޅުވީ، ހިއްކާ ސަރަހައްދަށް ކިޔާނީ ”ރަސްމާލެ“ ކަމަށާއި، އެއީ ހުޅުމާލޭގެ އެކެއް އަދި ދެވަނަ ފިޔަވަހި އެއްކޮށްލުމުންވާ ވަރުގެ ތިން ގުނަ ބޮޑު ސަރަހައްދަކަށް ވާނެ ކަމަށެވެ.
އަދި މި މަޝްރޫޢު އަށް މަސް ދުވަސް ތެރޭގައި ނިންމައިލަން އަމާޒު ހިފައިފައިވާ ކަމަށް ވެސް އެ މަނިކުފާނު މިއަދު ވިދާޅުވިއެވެ.
މި މަޝްރޫޢު ވަނީ މި މަހުގެ 13 ވަނަ ދުވަހު ކެޕިޓަލް މެރައިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ(ސީއެމްސީ)އާއި ޙަވާލުކޮށްފައެވެ.
ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފެށިއިރު، އެމްޑީޕީން ވަނީ މި މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުން ވެސް އުނިކޮށްފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.
ނަމަވެސް ކޮމިޓީ މަރުޙަލާގައި ވަނީ އެކަމަށް ޚާއްޞަކޮށްފައިވާ ބަޖެޓު އުނިކޮށް އެހެން މަޝްރޫޢުތަކަށް އެ ފައިސާ އެކި ވަރަށް ބަޖެޓުން ބަހައިލައިފައެވެ.
ފުށިދިއްގަރުފަޅުން 1010 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ހާމަކުރައްވައިފައެވެ.
މިއީ ރައީީސް މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދުފުޅެވެ. މި ވަޢުދު ފުއްދެވުމުގެ މަސައްކަތް ފެއްޓެވުމަށް ހަފްތާ 14ގައި ވަނީ ހިމަނުއްވައިފައެވެ.

ވިލިމާލެ މީ ބާކީ ތަނެއްތަ އަޅެ ފަހެ؟ ވޯޓު ހޯދަންވީމަ ހުވަފެން ދައްކާނެ ކޮންމެ މީހަކުވެސް. ބުރިޖު އަޅާކަށް ނުވޭތަ އަދިވެސް