މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ވެރިކަމުގެ ފުރަތަމަ 30 ދުވަސްތެރޭގައި ފެށުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަށް ތަޢުރީފު ކުރައްވައިފިއެވެ.
ކ.ފުށިދިއްގަރުފަޅުގައި ތަރައްޤީ ކުރާ ”ރަސްމާލެ“ ހިއްކުމުގެ މަސައްކަތް، އިއްޔެ ވަނީ ފަށައިފައެވެ. މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި ތަރައްޤީ ކުރަން ރާވައިފައިވާ، އެ ސަރަހައްދު 08 މަސް ދުވަސް ތެރޭގައި ހިއްކަން ޙަވާލު ކުރީ، ސްރީލަންކާގެ ސީއެމްސީއާއެވެ.
ރައީސް މުޢިއްޒު އިއްޔެ މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމާއި ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، ބޯހިޔާވަހިކަމަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢު ކަމުގައިވާ ”ރަސްމާލެ“ މަޝްރޫއު ރައީސް މުޢިއްޒުގެ ޒަޢާމަތުގެ ފުރަތަމަ 30 ދުވަސްތެރޭގައި ފެއްޓެވުމަކީ އާދައިގެ ކަމެއްނޫން ކަމަށެވެ.
”65000 އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ މިބިޔަ މަޝްރޫޢު ގެނެސްދެނީ ބޯހިޔާވަހިކަމަށް ޖުމްލަ ޙައްލު. މަރުޙަބާ ރައީސް.“ ޝިޔާާމް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢު ކަމުގައިވާ 'ރަސްމާލެ MaldivesEcoCity # މަޝްރޫއު ރައީސުލް ޖުމްހޫރިއްޔާ ޑރ. @MMuizzu ގެ ޒަޢާމަތުގެ ފުރަތަމަ 30 ދުވަސްތެރޭ ފެއްޓެވުމަކީ އާދައިގެ ކަމެއްނޫން. 65000 އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ މިބިޔަ… pic.twitter.com/9T7v2klknm
— Ahmed Shiyam (@Shiyamaldives) December 18, 2023
ފުށިދިއްގަރުފަޅު ހިއްކަން ފެށިއިރު، ގޯއްޗާއި ފްލެޓް އަޅާނެ ގުޅީފަޅާއި ގިރާވަރުފަޅު ވެސް އިތުރަށް ހިއްކަން ރައީީސް މުޢިއްޒުގެ ސަރުކާރުން ވަނީ ނިންމަވައިފައެވެ.
ރައީީސް އިއްޔެ ވިދާޅުވީ، ގުޅީފަޅުން އިތުރު 85 ހެކްޓަރު، އަދި ގިރާވަރުފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައާދައިގެ ކަމެއް ދެފުށްނޭންގޭ ގޮތަށްފެށީ