ދައުލަތުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ 62،500 ރުފިޔާއާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާއެވެ.

މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރީ މެންބަރަކަށް މަހަކު އެއްލައްކަ ރުފިޔާ ލިބޭ ގޮތަށެވެ. މިބަދަލާ އެކު މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 90،000 ރުފިޔާ އަދި މަޖިލީހުގެ ނައިބް ރައީސްއަށް މުސާރައިގެ ގޮތުގައި 88،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މަޖިލީހުގެ ރައީސްއަށް މިހާރު މުސާރައިގެ ގޮތުގައި ލިބެނީ 73،125 ރުފިޔާއެވެ. މަޖިލީހުގެ ނައިބު ރައީސް އަށް މިހާރު މުސާރައިގެ ގޮތުގައި ލިބެނީ 71،000 ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަތައް ކަނޑައަޅާ މަގާމުތަކުގެ މުސާރަތައް މުރާޖައާ ކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ނުރަސްމީ ބައްދަލުވުންތަކަށްފަހު މުސާރަތަކަށް ގެންނަ ބަދަލުތަކުގެ ކަރުދާސް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބުއެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.

މުސާރަތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށްވެސް ހިމަނާފައިވެއެވެ.