ފަނަރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު މެންހެޓެން ގްރޭންޑް ހޮޓެލް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

ހަވާ އެރުވުމުގެ ރަސްމިއްޔާތަކާއެކު މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.

މި ހޮޓެލުގައި 150 އަށް ވުރެ ގިނަ ކޮޓަރި ހިމެނެއެވެ. ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި މެންހެޓަން ގްރޭންޑް ހޮޓެލް ތަރައްގީކުރަން ދުބާއީގެ ’ޑީޕް ސީ ފުޑް ކޮމްޕެނީ’ގެ ދަށުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓު ކުންފުނި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހެވެ.

މި ހޮޓަލުގައި 162 ކޮޓަރީގެ އިތުރުން، ރަހަތަކުން މުއްސަނދި 4 ރެސްޓޯރެންޓާއި، ބައްދަލުވުންތަކާއި ހަފުލާތައް ބޭއްވުމަށް 4 މާލަން ހިމެނެއެވެ. މީގެއިތުރުން، ޒަމާނީ ޖިމަކާއި، ސްޕާ އަދި ސްވިމިންޕޫލްގެ ހިދުމަތް ވެސް މިތަނުން ލިބިގެންދާނެއެވެ.

މި ހޮޓަލުން ސަރުކާރަށް ހާއްސަކޮށްފައިވާ 3 ފަންގިފިލާގައި މީޑިއާ ވިލެޖަކާއި، އީ-ސްޕޯޓްސް ޔޫތު ސެންޓަރެއްގެ އިތުރުން ހެރިޓޭޖް ކޮލެޖާއި މެޑިކަލް ކޮލެޖު ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަގެންދެއެވެ.