ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާކޮށް، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ފިލްމީ ތަރި މުޙައްމަދު ޔުނާން ދޫކުރި މައްސަލަ އިސްތިއުނާކޮށްފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފުކުރީ ހޯމަ ދުވަހު ކަމަށެވެ.

ޝަރުޠުތަކާއިއެކު ޔުނާން ބަންދުން ދޫކުރީ މި މަހުގެ 14 ގަ އެވެ.

ފިލްމު ކުޅެން އުޅުނު ޔުނާން އާއި އޭނާގެ އަންހެނުން، ފާތިމަތު ރިހުލާ 2020 ގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދަޢުވާކުރީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެ މައްސަލާގައި އެ ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދު ކުރިތާ ދެ އަހަރު ފަހުން މި އަހަރުގެ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އޭނާ ގޭބަންދަށް ބަދަލު ކުރީ، މާބަނޑު ވުމުންނެވެ.

ކުޑަކުއްޖަކާ ބެހުނު މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލާފައިވާ އިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ.