ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށް ވެސް އެ އޮފީހުން ދެންމެ ވަނީ ބުނެފައެވެ.

ރައީސް އޮފީހުން މިހެން ބުނީ، ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމުމާއި ގުޅިގެންނެވެ.

”އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން.“ ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ޝަހީބު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ސަރުކާރުން ދެކޭ ކަމަށެވެ.

އިއްޔެ ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިއްތިފާޤުން ވަނީ މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފައެވެ. މި ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެ އެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ޖެހެއެވެ.

ކޮމިޓީ ބައްދަލުވުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000ރ. އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމިއެވެ. އެ ކޮމެޓީން ފާސްކޮށްފައިވަނީ މޭޔަރުންގެ އަސާސީ މުސާރަ 36،000ރ. އަށް ބޮޑުކޮށް، ލިވިން އެލަވަންސްގެ ގޮތުގައި 10،000ރ. އާއެކު ޖުމްލަ 46،000ރ. އަށް ބޮޑުކުރުމަށެވެ.

ޑެޕިޔުޓީ މޭޔަރަށް އަސާސީ މުސާރައިގެ ގޮތުގައި 32،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 8،000ރ. އާއެކު ޖުމްލަ 40،500ރ. ހަމަޖެއްސުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަސާސީ މުސާރަ 29،000ރ. ބޮޑު ކުރުމަށާއި، ލިވިން އެލަވަންސްގެ 6،000ރ. އާއެކު ޖުމްލަ 35،000ރ. ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

އަދި އަތޮޅު ކައުންސިލްގެ ރައީސުންނަށް އަސާސީގެ މުސާރައިގެ ގޮތުގައި 27،000ރ. ލިވިން އެލަވަންސްގެ ގޮތުގައި 6،000ރ. އާއެކު ޖުމްލަ 33،000ރ. ދިނުމަށް ވަނީ ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން އާއްމުން ދަނީ އެމްޑީޕީގެ މެމްބަރުންނަން ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.