ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ނިންމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި އަވަސް ރައްދަށް ތަޢުރީފު ޙައްޤު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ދުންޔާ ވިދާޅުވީ، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަޖިލީހުން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އަވަސް ރައްދަށް ތައުރީފު ޙައްޤު ކަމަށެވެ.
”ރައްޔިތުންގެ އިތުބާރު އަނބުރާ މަޖިލީހަށް ހޯދައިދިނުމަށް މުޅި މަޖިލީސް ވަނީ ބޮޑެތި އިޞްލާހުތަކަކަށް ބޭނުން ޖެހިފައި..!“
ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަޖިލީހުން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ @MMuizzu ދެއްވި އަވަސް ރައްދަށް ތައުރީފު ޙައްޤު!
ރައްޔިތުންގެ އިތުބާރު އަނބުރާ މަޖިލީހަށް ހޯދައިދިނުމަށް މުޅި މަޖިލީސް ވަނީ ބޮޑެތި އިޞްލާހުތަކަކަށް ބޭނުން ޖެހިފައި..!
— Dunya Maumoon (@dunyamaumoon) December 20, 2023
ސަރުކާރުގެ އިސްވެރިންގެ މުސާރައަށް ރައްޔިތުންގެ މާލިއްޔަތު ކޮމިޓީން ބަދަލު ގެނައީ ސަރުކާރުން އެދިގެން ނޫން ކަމަށް ރައީީސް މިއަދު ވިދާޅުވިއެވެ.
ރައީީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން، މުސާރައަށް އިތުރުވާ ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާޢީ ފަންޑަކަށް ހަދިޔާ ކުރަން ސަރުކާރުން ނިންމަވައިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ރައީސް، ނައިބު ރައީސް، އަދި ވަޒީރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން އެދިފައިނުވާނެ ކަމަށާއި، މުސާރަ ބޮޑު ކުރުމަށް ބޭނުންފުޅުވެނުލައްވާ ކަމަށެވެ.
”އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާޢީ ފަންޑަކަށް ހަދިޔާ ކުރަން އަޅުގަނޑުމެން ނިންމައިފިން.“ ރައީީސް ވިދާޅުވިއެވެ.
އިއްޔެ ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިއްތިފާޤުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފައެވެ.
މި ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެއެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ޖެހެއެވެ.
ކޮމިޓީ ބައްދަލުވުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000ރ. އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
މީގެއިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމިއެވެ. އެ ކޮމެޓީން ފާސްކޮށްފައިވަނީ މޭޔަރުންގެ އަސާސީ މުސާރަ 36،000ރ. އަށް ބޮޑުކޮށް، ލިވިން އެލަވަންސްގެ ގޮތުގައި 10،000ރ. އާއެކު ޖުމްލަ 46،000ރ. އަށް ބޮޑުކުރުމަށެވެ.
ޑެޕިޔުޓީ މޭޔަރަށް އަސާސީ މުސާރައިގެ ގޮތުގައި 32،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 8،000ރ. އާއެކު ޖުމްލަ 40،500ރ. ހަމަޖެއްސުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަސާސީ މުސާރަ 29،000ރ. ބޮޑު ކުރުމަށާއި، ލިވިން އެލަވަންސްގެ 6،000ރ. އާއެކު ޖުމްލަ 35،000ރ. ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
