ރަސްމާލެ ސިޓީ މަޝްރޫޢު ކުރިއަށް ދަނީ ދިވެހި ދަޢުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ ބޭއްވި ”ކަންގަތި އެވޯޑް“ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުއާއިމެދު ރައްޔިތުންނަށް ދެއްވީ އިތުރު އުއްމީދާއި ޔަޤީންކަމެވެ. 2024 ވަނަ އަހަރުގެ ބަޖެޓުގައި ރައީސް މުޢިއްޒުގެ ސަރުކާރުން އެދިގެން، މި މަޝްރޫޢުއަށް 400 މިލިއަން ރުފިޔާ ހިމެނުމަށް ފަހު ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫޢު އުނިކޮށް، އެ ފައިސާ އެހެން މަޝްރޫޢުތަކަށް ބަހައިލައިފައެވެ.
ނަމަވެސް ރައީސް މިރޭ ދެއްވީ، ދައުލަތަށް މާލީ ބުރައަކަށްނުވެ، މަޝްރޫޢު ނިންމައިލެވޭނެކަމުގެ އުފާވެރި ޚަބަރެވެ.
”އެ މަޝްރޫޢު ކުރިއަށް އެ ދަނީ ދިވެހި ދައުލަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު އެގޮތުގައި ކުރިއަށް ގެންގޮސް ނިންމައިލާނަން.“ ރައީސް ވިދާޅުވިއެވެ.
”ޤަބޫލުފުޅު ކުރައްވާ، މި ފަސް އަހަރު ނިމޭއިރު، ގެދޮރުވެރިކަން ނެތިގެން، ދިވެހި އެއްވެސް ރައްޔިތަކު ހިތާމަ ކުރަން ނުޖެހޭނެ.“
ރައީީސް ވަނީ ރައްޔިތުން ޖިފުޓިގަނޑުތަކެއްގައި ތިބެ، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު، ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާން ޖަހަން ޖެހޭ ޖެހުމަށް، ދާއިމަށް ނިމުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވައިފައެވެ.
ފުށިދިއްގަރުފަޅުގައި ހިއްކާ ”ރަސްމާލެ“އާއިއެކު ފެށިގެންދަނީ، ދިވެހީންގެ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ގުޅީފަޅާއި ގިރާވަރުފަޅުގައި މި ސަރުކާރުން، އިތުރަށް ހިއްކާ ބަޔާއި، ހުޅުމާލެ އާއި ރަސްމާލެ ސިޓީއާއިއެކު، ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ޙައްލެއް ގެނެވޭނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުންނާއިއެކު، ރައްޔިތުންގެ ފަޅީގައި ކަމަށާއި، އެމަނިކުފާނު ކޮންމެ ދިވެހި ރައްޔިތެއް ދެކެވެސް ލޯބިވެލައްވާ ކަމަށެވެ.
ސްރީލަންކާގެ ސީއެމްސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އެންމެ 08 މަސް ދުވަސް ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. މި މަޝްރޫޢު ފެށުމަކީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ވަޢުދެކެވެ.
ރައީީސް މުޢިއްޒު ކުރިން ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި އުޅޭ ބޮޑު އާބާދީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ދާއިމީ ޙައްލު ގެނެސްދިނުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާ ކުރާނެ ރަސްމާލެ ސިޓީ ވެގެންދާނީ، ތިމާވެއްޓާއި ރައްޓެހި، މޯލްޑިވްސް އިކޯ ސިޓީއަށެވެ.
އެ ސިޓީ ތަރައްޤީ ކުރާނީ ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެންނެވެ.
އެގޮތުން ސިޓީގެ މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެއެވެ. އެއީ ބައިނަލްއަޤްވާމީ މިންގަނޑުން ބަލާއިރު، ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނެވެ. ރައީސް މިރޭ ވިދާޅުވި ގޮތުގައި، ރަސްމާލެ ސިޓީ ވެގެންދާނީ، މުޅި ދުނިޔޭގައި ވެސް ނަން ވިދާލާނެ ސިޓީއަކަށެވެ.
