ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ދެ ކާރެއް ޖެހި އެކްސިޑެންޓެއް ހިނގުމުން، މަޑު ނުކޮށް ދިޔަ ކާރެއް ފުލުހުން ހޯދަން ފަށައިފިއެވެ.

މި އެކްސިޑެންޓް ހިނގީ ކާމިލްދީދީ ސުކޫލު ކައިރީގައެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގުމުން އެތަނުން އެއް ކާރު މަޑުނުކޮށް ގޮސްފައިވާ ކަމުގެ މަޢުލޫމާތު ރޭ 11:40 ހާއިރު ފުލުހަށް ލިބިފައިވާ ކަމަަށެވެ.

މި އެކްސިޑެންޓް ގައި އެއް ކާރުގައި ތިބި ހަތަރު މީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

އެ ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށާ އެކްސިޑެންޓް ގައި ކާރަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަޑުނުކޮށް ދިޔަ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މި މައްސަލަައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ގައި ކާމިލްދީދީ ސުކޫލުގެ ބޭރު ފާރުން ބައެއް ވެސް ވެއްޓުނެވެ.