ރައްޔިތުންގެ އެދޭ އެދުންތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅޭނެ ޕޯޓަލެއް ޤާމުކުރައްވަން ނިންމަވާފައިވާ ކަަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަ ކުރައްވައިފައި ވަނީ ”ކަންގަތި އެވޯޑް 2023“ ދިނުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަން ސީދާ އެމަނިކުފާނަށް ހުށަހެޅޭގޮތަށް ރައީސް އޮފީހުގައި ޕޯޓަލެއް ޤާއިމުކުރައްވާނެ ކަމަށެވެ.
”ރާއްޖޭގެ ރަށްރަށަށް އަޅުގަނޑު ދަތުރުކުރާނަން. ހަމަ ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން. ތިޔަބޭފުޅުންގެ އަސްކަނިދަށުން ލިބޭ ހިޔަލަކީ ވަރަށްވެސް ނިޔާމަ ހިޔަލެއް ކަމުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން. މީގެއިތުރަށް، ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި، ޚިޔާލުތަކާއި، އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލްއެއް ޤާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި.“ ރައީީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީީސް ވަނީ ރާއްޖޭގެ ހުރިހައި ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށާއި ރައްޔިތުންނާއި ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުވާނެކަމަށް ވިދާޅުވާ ވާހަކަފުޅު، ރޭ ވެސް ތަކުރާރު ކުރެއްވިއެވެ.
