ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ސަރުކާރުގެ އިސް ފާރާތްތަކުގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި، އެކަމާ އެއްކޮޅަށް ވޯޓު ނުދެއްވާނެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ ވެރިންގެ މުސާރަތައް ބޮޑު ކުރަން މަސައްކަތް ފެށުމުން، ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން މެންބަރު ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އިސް ފަރާތްތަކުގެ އަދި މަޖިލިސް މެމްބަރުން ހިމެނޭ ގޮތަށް މަޤާމުތަކަށް އިންތިހާބުކޮށްފައިވާ ފަރާތްތަކުގެ މުސާރަ ބޮޑުކުރަންޖެހޭ ޙާލަތެއް އޮތް ކަމަށް ގިނަ ރައްޔިތުން ޤަބޫލުނުކުރާތީ މުސާރަ ބޮޑުކުރަން ވޯޓު ނުދެއްވާނެ ކަމަށެވެ.

މެންބަރު ޝަރީފް މިހެން ވިދާޅުވިއިރު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވެސް ވަނީ މުސާރަ ބޮޑު ކުރަން ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.