މާލޭގައި އުޅޭ ބުޅާތަކަށް ހިތްފަސޭހަކަމާއިއެކު އުޅެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށާއި، އެ ބުޅާތަކަށް ޕާކެއް އަޅައިދެއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، އޭނާގެ މެނިފެސްޓޯ އިފްތިތާޙު ކުރެއްވުމަށް ފަހުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، މާލޭގައި އުޅޭ ބުޅާތަކަށް ޕާކެއް ހަދައިދީ އެތަނުން ބުޅާތަކަށް ހުރިހާ ހިދުމަތެއް ލިބޭގޮތް ހަ މަސްދުވަސްތެރޭ ހަދައި، ބުޅަލުގެ މައްސަލަ ވެސް ޙައްލު ކުރައްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ޕްލޭނެއް ތައްޔާރުކޮށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން އެބަ ޖެހޭ އެކަން ކުރަން، އެހެން ނޫނިއްޔާ، އެކަކު އަނެކަކަށް ލޯބިވާކަށް ދަހެއް ނުކޮށްދެވޭނެ.“ އެމްޓީސީސީގެ ކުރީގެ ސީއީއޯ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެކަކު އަނެކަކު ދެކެ ލޯބިވާ މުޖްތަމަޢުއެއް ބިނާ ކުރުމަކީ، މި ޤައުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.