ސަރުކާރާއި ދެކޮޅަށް ޚަބަރު ގެނެސްދޭ، ރަޖިސްޓްރީނުކޮށް ހިންގާ ދެ ވެބްސައިޓަކަށް މިހާރު ނުވަދެވޭތީ، ކުރީގެ އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

އެ ދެ ވެބްސައިޓަކީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްއެވެ. މިއީ ސަރުކާރާއި ދެކޮޅު ލިޔުންތައް ޝާއިޢު ކުރަމުން އަންނަ ދެ ވެބްސައިޓެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރާ ދެކޮޅު ވެބްސައިޓުތައް ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަނިޔާވެރިކަން ނުފެތުރި މިހާރު އޮތް ހަމައެކަނި ސަބަބަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް މެޖޯރިޓީ ނެތުމުން ކަމަށް ވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވިއިރު، ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު މިއަދު ވިދާޅުވީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން، ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއް ސަރުކާރުން ބްލޮކް ނުކުރާނެ ކަމަށާއި، ނޫޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓިފައިވާކަން ވެސް ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ވެރިކަމުގެ ހުވައި ކުރެއްވުމުގެ ކުރީން ރައީސް މުޢިއްޒު ވަނީ ނޫޫސްވެރިންނާއި ބައްދަލުކުރައްވައިފައެވެ.