ރަސްމާލެ މަޝްރޫޢު ކާމިޔާބުވާނެކަމުގެ 100 އިންސައްތަ ޔަޤީންކަން އެބައޮތް ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތް ކުރަނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢު އަކީ ކުރިއަށް އޮތް 50 އަހަރަށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ފެށި އެންމެ މުހިންމު މަޝްރޫޢު ކަމަށެވެ.

ފަޒުލް ވިދާޅުވީ، މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް، މިހައިތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢު ކަމަށެވެ.

އައު ސަރުކާރަށް މަސް ދުވަސްވީތަނާ، ކ.ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ޓޯޓަލް ސޮލިއުޝަން ނުވަތަ ޖުމްލަ ޙައްލު ކަމަށް ސަރުކާރުން ބުނެއެވެ.

ފަޒުލް ވިދާޅުވީ މި ބިޔަ މަޝްރޫޢު ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިޔުމަށް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަތިގަނޑެއްގެ ގޮތުގައި، ނަތީޖާ ނެރުމުގެ ޢަޒުމްގައި ކަމަށެވެ.

”ކުރިއަށް އޮތް 50 އަހަރަށް، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ މާތް މަޤްޞަދުގައި އިޢުލާނު ކުރެވިގެން، ފެށިގެން ދިޔަ މަޝްރޫޢުއެކޭ މި މަޝްރޫޢުއަކީ.“ ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހި ވެސް ތޮއްޖެހި، އާބަންކޯގެ ބިންތައް، އެ ދެތަނުގައި ވެސް ނެތްކަމަށާއި، ދެވަނަ ފިޔަވަހިން ލިބިފައިވާ ބިންތައް ތަރައްޤީ ވެގެން އައުމުން، އެ ސަރަހައްދުގައި ވެސް ބިމެއް ނޯންނާނެ ކަމަށެވެ.

ރަސްމާލެ މަޝްރޫޢު ހިންގަނީ ސަރުކާރާއި އާބަންކޯ އިން ފައިސާގެ އެއްވެސް ޚަރަދެއް ނުކޮށެވެ. މަސައްކަތް ކުރާ ސީއެމްސީއަށް ބަދަލުގައި ދެނީ ހުޅުމާލެއިން 10 ހެކްޓަރާއި ހިއްކާ ސަރަހައްދުން 60 ހެކްޓަރުގެ ބިމެވެ. މިގޮތަށް ކުރީ ސަރުކާރުން ހުޅުމާލެ ފޭސް 3 ގެ ނަމުގައި ބިން ހިއްކަން ފެށިކަން ފާހަގަކުރައްވައި، އެ މަޝްރޫޢު އާއި ރަސްމާލެ މަޝްރޫޢުގެ ތަފާތު ވެސް ފަޒުލް ވިދާޅުވެދެއްވިއެވެ.

ހުޅުމާލެ ފޭސް ތިނަކުން 96 ހެކްޓަރުގެ ބިން ހިއްކިއިރު، އެތަނުން 20 ހެކްޓަރުގެ ބިން، ހިއްކި ކުންފުންޏަށް ދޭން ޖެހުނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރު ދިނުމަށްފަހު، ތިލަފުށިން ދިން ބިމާއިއެކުގައެވެ. މި ތަފާސް ހިސާބަށް އަލިއަޅުވައިލައްވައި، ފަޒުލް ވިދާޅުވީ، އެ މަޝްރޫޢުއިން ދިން ބިމާއި، ލިބުނު ބިން އަންދާޒާ ކޮށްލަން ޖެހޭ ކަމަށެވެ.

”މި ދެ ހެކްޓަރު ދިނީމަ، އަޅުގަނޑުމެންނަށް މި ލިބުނީ 10 ހެކްޓަރު ބޭނުންކުރަން. އެއްބަޔަކީ ތިލަފުށިން އެއްބައި، އަނެއް ބަޔަކީ، މިސާލަކަށް ދަންނަވާނަމަ، ތިލަފުށިން އެއްބައި.“

މިއަދު ދިވެހީންގެ އަތުން 70 ހެކްޓަރުގެ ބިން ދޭއިރު، އެއީ 1093 ހެކްޓަރުގެ ބަދަލުގައިކަން ފަޒުލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި މަޝްރޫޢުގެ އަގާއި، މަސައްކަތާއި ބޯހިޔާވަހިކަމަށް ބެލިކަމުގައި ވިޔަސް، މިއީ ވަރަށް މުހިންމު، ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.

މަޝްރޫޢު ހިންގާ ކުންފުނިން، ލިބޭ ބިމުގައި މުޢާމަލާތް ކުރެވޭނީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އެބިންތަކުގައި މަޝްރޫޢުއެއް ހިންގާނަމަ، އެކަން ކުރެވޭނީ ވެސް ރަސްމާލޭގެ މާސްޓަރ ޕްލޭނާއި އެއްގޮތްވާ ގޮތަށް ކަމަށް އާބަންކޯ އިން ބުނެއެވެ.